ކޮމަންވެލްތް ވަފުދު ކޮމިޝަނާއެކު މަޝްވަރާކުރައްވައިފި

31 ޖަނަވަރީ 2019



ދިވެހިރާއްޖެ އަލުން ކޮމަންވެލްތް މެންބަރަކަށްވުމަށް އެދި ސަރުކާރުން ހުށަހެޅުމާގުޅިގެން ރާއްޖޭގެ ހާލަތު މިހާރު އޮތްގޮތް ދެނެގަނެ މެންބަރަކަށްވުމުގެ ޝަރުތު ހަމަވޭތޯ ބެލުމަށް ރާއްޖެއަށް މިހާރު ޒިޔާރަތް ކުރައްވަމުން ގެންދަވާ ކޮމަންވެލްތްގެ ވަފުދުގެ 3 މަންދޫބަކު މިއަދު ސިވިލް ސަރވިސް ކޮމިޝަނަށް ޒިޔާރަތްކުރައްވަވައި މެންބަރުންނާއެކު މަޝްވަރާ ކުރައްވަވައިފިއެވެ. ކޮމިޝަނަކީ ކޮމަންވެލްތް ގެ ޖަމްއިއްޔާއެއްކަމުގައިވާ ކޮމަންވެލްތް އެސޯސިއޭޝަން އޮފް ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް (ކެޕާމް) ގެ މެންބަރެއްގެ ގޮތުން އެ ޖަމިއްޔާ ގެ ހަރަކާތްތަކުގައި ބައިވެރިވަމުންދާ މުއައްސަސާއެކެވެ. އެހެންކަމުން އަލުންރާއްޖެ ކޮމަންވެލްތް އާގުޅުމުގައި ކޮމިޝަނުގެ ޚިޔާލަކީ ކޮބައިކަމާއި ދިވެހި ސިވިލް ސަރވިސް އަށް ކޮމަންވެލްތްގައި ބައިވެރިވުމުން ހުޅުވިގެންދާ ފުރުޞަތުތަކާއި ލިބޭ ފައިދާތަކާމެދު މިއަދުގެ ބައްދަލުވުމުގައި މަޢުލޫމާތު ބަދަލުކުރެވުނެވެ.

ކޮމަންވެލްތްގެ ވަފުދުގައި ހިމެނިވަޑައިގެންނެވީ އެތާނގެ ޕަބްލިކް ސެކްޓަރ ގަވަނަންސް ޔުނިޓް ގެ އެޑްވައިޒަރ މިސްޓަރ ޑަސްކަން މެއިނާ އާއި އިލެކްޝަން ސަޕޯރޓް ސެކްޝަން މިސް ކުލޭރާ ކޯލް އާއި ޕޮލިޓިކަލް އޮފިސަރ/ އޭޝިއާ/ ޔޫރަޕް- މިސްޓަރ ޖޮނަތަން ޗެންގެ އެވެ. ކޮމިޝަނުގެ ފަރާތުން މިބައްދަލުވުމުގައި އިސްކޮށް ތިއްބެވީ ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމާއި، މެންބަރު އަލްފާޟިލާ ފާތުމަތު އާމިރާއެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ސިވިލް ސަރވިސް ކޮމިޝަނާއި ދިވެހި ސިވިލް ސަރވިސް ގެ ކަންކަން މިހާރު ހުރިނެތްގޮތާއި، ހާސިލްވެފައިވާ ކާމިޔާބުތަކާއި ދިމާވެފައިވާ ގޮންޖެހުންތަކާގުޅޭ ގޮތުން މަޢުލޫމާތް ހިއްސާ ކުރެވުނެވެ. ކޮމިޝަނުގެ ފަރާތުން ރާއްޖެވީހާ އަވަހަކަށް ކޮމަންވެލްތްގައި ބައިވެރިވުމަށް ތާއީދުކުރާކަމަށާއި އަދި ކެޕާމްގައި އަލުންބައިވެރިވެ ކޮމިޝަނަށް ބޭރުގައުމުތަކުގެ ތަޖްރިބާ އާއި މަޢުލޫމާތުތައް ހިއްސާކުރުމާއި ކޮމަންވެލްތް އިން ކުރިއަރުވާ ބައިނަލްއަޤުވާމީ އުސޫލުތަކާއި ތަރައްޤީގެ ކަންކަން ތަންފީޒުކުރުމަށް ބޭނުންވާކަމުގައި ވަފުދުއަރިހުގައި ދެންނެވުނެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް