ކޮމިޝަނާއެކު އދ. އޮމަދޫ ކައުންސިލްއިން މަޝްވަރާ ކުރައްވައިފި

31 ޖަނަވަރީ 2019



އދ. އަތޮޅު އޮމަދޫ ކައުންސިލްގެ ފަރާތުން ސިވިލް ސަރވިސް ކޮމިޝަނަށް މިއަދު ޒިޔާރަތް ކުރައްވައި، ކޮމިޝަން ރައީސް ޑރ.ޢަލީ ޝަމީމް އާއެކު މަޝްވަރާ ކުރައްވައިފިއެވެ. މި މަޝްވަރާ ބައްދަލުކުރެއްވުމުގައި، އދ. އޮމަދޫ ކައުންސިލް ރަށުގެ އިދާރީ އޮނިގަނޑުތަކުގައިވާ މަޤާމުތަކަށް މުވައްޒަފުން ހަމަނުޖެހިވާތީ ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި މި މަޝްވަރާގައި ކައުންސިލްތަކުގައި ވެރިންގެ ފެންވަރުގެ މުވައްޒަފުން ނެތުމާއި އިސްކޮށް މަސައްކަތް ކުރާ މުވައްޒަފުންގެ ތަޢުލިމީ ފެންވަރު މަތިކުރުމާގުޅޭ ގޮތުންވެސް މިއަދުގެ ބައްދަލުވުމުގައި ވާހަކަދެކެވުނެވެ.

ކޮމިޝަނުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކައުންސިލްތައް ބާރުވެރިކުރުވުމަށް ވަރަށްބޮޑަށް އިސްކަން ދެއްވަން ބޭނުންފުޅުވާކަމަށާއި އެހެންކަމުން ކައުންސިލްތަކުގައި މަސައްކަތް ކުރައްވާ މުވައްޒަފުންގެ ޤާބިލްކަން އިތުރުކޮށް ތަމްރީންދިނުމަކީ މުހިންމުކަމެއް ކަމަށް ފާހަގަކުރައްވައި، މިކަމުގައި ކޮމިޝަނުގެ ފުރިހަމަ އެއްބާރުލުން ލިބިވަޑައި ގަންނަވާނެކަމުގައި ކޮމިޝަނުގެ ރައީސް ވިދާޅުވިއެވެ.

މިއަދުގެ ކޮމިޝަނުގައި ބޭއްވުނު ބައްދަލުވުމުގައި އދ. އޮމަދޫ ކައުންސިލްގެ ފަރާތުން އިސްކޮށް ބައިވެރިވެ ވަޑައިގެންނެވީ ކައުންސިލްގެ ރައީސް އަލްފާޟިލް އަދުނާނު އަބުދުﷲ އެވެ. ކޮމިޝަނުގެ ފަރާތުން ބައިވެރިވެވަޑައިގެންފައިވަނީ ކޮމިޝަނުގެ ރައީސްގެ އިތުރުން ކޮމިޝަނުގެ ޑިރެކްޓަރ ޖެނެރަލް  އަލްފާޟިލް ޢަބްދުﷲ ސައީދު އެވެ.

މި ބައްދަލުވުމުގައި އދ. އޮމަދޫއަށް ކޮމިޝަނުގެ ރައީސް ޒިޔާރަތްކުރެއްވުމަށް ކައުންސިލްގެ ރައީސް އަލްފާޟިލް އަދުނާނު އަބްދުﷲ ދައުވަތުދެއްވެވިއެވެ. މި ދައުވަތު ގަބޫލުފުޅުކުރައްވަވައި ފަސޭހަފުޅު ތާރީޚެއްގައި ދާދި އަވަހަށް އޮމަދޫއަށް ޒިޔާރަތް ކުރައްވަވާނެ ކަމުގެ ޔަޤީންކަން ރައީސްދެއްވެވިއެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް