29 މާޗް 2018
ބ. އަތޮޅު ކައުންސިލުން ދޭ ރަންނާ އެވޯޑް ހަފްލާ ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
ރަންނާ އެވޯޑު ދިނުމުގެ ހަފްލާ ޝަރަފުވެރިކޮށްދެއްވާ ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމު ދެއްކެވި ވާހަކަފުޅުގައި ރަނގަޅަށް މަސައްކަތްކުރައްވަވާ ޚިދުމަތްތެރީން އަދި ދަރުމަވެރީން ގެ އަގުވަޒަންކޮށް އިނާމުދިނުމަކީ ވަރަށްބޮޑަށް ތާއީދުކުރާ އަދި ތަރުހީބުދޭ ކަމެއްކަން ފާހަގަކުރައްވާ މިކަމަކީ ޚިދުމަތްތެރިންނަށްވެސް އެބޭފުޅުން ޚިދުމަތްކުރުމުގައި ދެމިތިބުމަށާއި ކުރިއަރާދިއުމުގައި ލިބޭނެ ވަރަށްބޮޑު ހިތްވަރެއްކަމަށް ވިދާޅުވިއެވެ. އަދި މިފަދަބޭނުންތެރި އަދި ފައިދާކުރުވަނިވި ކަމެއް ވަރަށްފުރިހަމައަށް ރާއްވަވައި، ކުރިއަށްގެންދަވާތީ އެކަމަށްޓަކައި އަތޮޅު ކައުންސިލުގެ މެންބަރުންނަށް ޝުކުރު ދެންނެވިއެވެ. އަދި އަމިއްލައަށް އިސްނަންގައި، ކުރާމަސައްކަތެއް ފުރިހަމައަށް ނަތީޖާނެރެވޭ ގޮތައްކުރާ މަސައްކަތްތެރީން ގެ އަގުވަޒަންކުރުމަކީ މިއަދު ހުރިހާއެންމެންވެސް ކުރަންޖެހިފައިވާ މުހިންމުކަމެއް ވެސް ޑރ. ޢަލީ ޝަމީމު ފާހަގަކުރެއްވިއެވެ.
ރަންނާ އެވޯޑަކީ ބ އަތޮޅުގެ އަރުތަވެރިންނާއި ޚިދުމަތްތެރިންނާއި ޝަރަފްވެރީންގެ އަގުވަޒަންކުރުމުގެ ގޮތުން ބ އަތޮޅު ކައުންސިލުން މިދިޔަ އަހަރު ތަޢާރަފްކުރި އެވޯޑެކެވެ. މިއަހަރުގެ އެވޯޑު ހަފްލާގައިވެސް ތައުލީމީ ދާއިރާއިން އެކި ކާމިޔާބީ ހޯދި ފަރާތްތަކުގެ ކާމިޔާބީ ފާހަގަކޮށް، އަދި ހިއްވަރުދިނުމުގެ އެވޯޑު 12 ދާއިރާއަކުން ދީފައި ވާއިރު، ޚިދުމަތުގައި ތިއްބެވި 11 ބޭފުޅަކަށް އެބޭފުޅުންގެ ދާއިރާތަކުން ހިއްވަރު ދިނުމުގެ އެވޯޑު ދީފައިވެއެވެ. އަދި އިޖުތިމާއީ ޚިދުމަތުގެ ދާއިރާއިން ޖަމިއްޔާތަކުގެ ބައިން ހިއްވަރު ދިނުމުގެ އެވޯޑު ދީފައިވަނީ، ފައުންޑޭޝަން ފޯރ ޔޫތު ލިންކޭޖު (ފޭލި) ޖަމިއްޔާ އަށެވެ.
މީގެ އިތުރުން ރަންނަ އެވޯޑުގެ ޝަރަފްވެރިކަމުގެ އެވޯޑު 2 ބޭފުޅަކަށް މިއަހަރު ވަނީ ދީފައެވެ. މިއެވޯޑު ލިބިވަޑައިގެންނެވީ އިޖުތިމާއީ ދާއިރާއިން ބ އޭދަފުށީ ހަތިހާ އަބުދުއްސައްތާރު ޢަލީ އަށެވެ. ތައުލީމީ ދާއިރާއިން ރަންނަ އެވޯޑުގެ ޝަރަފްވެރި އެވޯޑު ލިބިވަޑައިގެންނެވި ދެވަނަ ބޭފުޅަކީ، ބ ކުޑަރިކިލު ހަޒާރުމާގޭ ޢަބުދުލް ޙަމީދު އާދަމަށެވެ.
ރަންނަ އެވޯޑު ހަފްލާގައި، ހިންގުންތެރި ކުލަބު ޖަމިއްޔާގެ އެވޯޑާއި އެންމެ ހިންގުންތެރި އަންހެނުންގެ ތަރއްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އެވޯޑާއި، އެންމެ ހިންގުންތެރި ކައުންސިލުގެ އެވޯޑާއި، ސްކޫލުތަކުގެ ޕީޓީއޭތަކުގެ ބައިން، އެންމެ ހިންގުންތެރި ޕީޓީއޭއެއް ހޮވައި އެވޯޑު ދީފައި ވެއެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026