ސިވިލް ސަރވިސް ކޮމިޝަނުގެ އަންހެން މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާގެ ފަރާތްތައް ކެންސަރަށް ސްކްރީނު ކުރުމުގެ ހަރަކާތެއް ބާއްވައިފި

22 މާޗް 2018



ސިވިލް ސަރވިސް ކޮމިޝަނުގެ މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާގެ ފަރާތްތައް ކެންސަރަށް ސްކްރީނު ކުރުމުގެ ހަރަކާތެއް ބާއްވައިފިއެވެ. މޯލްޑިވްސް ކެންސަރ ސޮސައިޓީއާ ސިވިލް ސަރވިސް ކޮމިޝަން ގުޅިގެން މިއަދު ބޭއްވި މި ސްކްރީނިންގ ޕްރޮގްރާމަކީ ކޮމިޝަނުގެ އަންހެން މުވައްޒަފުންނާއި އަދި އެ މުވައްޒަފުންގެ އާއިލާގެ އަންހެން ބޭފުޅުން އުރަމަތީގެ ކެންސަރަށް ސްކްރީނުކުރުމަށް ބޭއްވުނު ހަރަކާތެކެވެ. މިއަދުގެ މި ހަރަކާތުގައި ކޮމިޝަނުގެ ގިނަ ޢަދަދެއްގެ މުވައްޒަފުން ސްކީނުކޮށްފައިވާއިރު، އޭގެ ތެރޭން ބައެއް ފަރާތްތަކަށް ސްކޭން ހަދައިދިނުން ވެސް މިއަދު އޮތެވެ. ކެންސަރަށް މުވައްޒަފުން ސްކްރީނު ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވެ ވަޑައިގެންނެވީ ކެންސަރ ސޮސައިޓީގެ 2 ވޮލަންޓިއަރުންކަމަށްވާ ޑރ. ފާޠިމަތު ސައުޝަން ނަސީމާއި ޑރ. ޢާއިޝަތު ސިޔާދާ ސަޢީދެވެ. މި 2 ބޭފުޅުންގެ އިތުރުން ސްކޭން ހެދުމުގައި ރޭޑިޔޮލޮޖިސްޓެއްކަމަށްވާ ޑރ. ޒުހުދާ ހަރަކާތްތެރިވެ ވަޑައިގެންނެވިއެވެ.

އުރަމަތީގެ ކެންސަރަށް ސްކްރީނު ކުރުމުގެ މި ހަރަކާތުގެ އިތުރުން ހޭލުންތެރިކުމުގެ ޕްރޮގްރާމެއް ވެސް ކޮމިޝަނުގެ މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާތަކަށް ކުރިޔަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. ކެންސަރ ސޮސައިޓީން ވަނީ ކެންސަރުން ސަލާމަތްވުމަށް އާންމުރައްޔިތުންނަށް ކުރެވިދާނެ ކަންކަމުގެ މައްޗަށް އަލި އަޅުވާލާ ހޭލުންތެރިކުރުމުގެ ލީފްލެޓްތައް ވެސް ބަހާފައެވެ. މި ގޮތުން އުރަމަތީގެ ކެންސަރު ހުރި މީހަކު އާއިލާގައި ހުރިނަމަ އާއިލާގެ އެހެން މީހުން ވެސް ސްކްރީނު ކުރުމަށާއި އުމުރުން ސާޅީސް އަހަރުން މަތީގެ އަންހެނުން އަހަރު އެއްފަހަރު ނަމަވެސް ސްކްރީނުކުރުމަށާއި ދުންފަތުގެ އިސްތިއުމާލުކުރުންފަދަ ކެންސަރަށް މަގުފަހިވާފަދަ ކަންކަމާ ދުރުހެލިވުމަށް ކެންސަރ ސޮސައިޓީން ނަސޭޙަތްތެރިވެ ވަޑައިގަންނަވައެވެ.


ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް