ސިވިލް ސަރވިސް ކޮމިޝަނުގެ 2017 ވަނަ އަހަރުގެ އަހަރީ ރިޕޯޓް މިއަދު ނެރެދެއްވައިފިއެވެ. ސިވިލް ސަރވިސް ކޮމިޝަނުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ރިޕޯޓް ނެރެދެއްވީ ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމެވެ. ރިޕޯޓް ނެރެދެއްވުމަށްފަހު ކޮމިޝަނުގެ ރައީސް ވަނީ އަހަރީ ރިޕޯޓުގައިވާ ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވައި ބަޔާނެއް ދެއްވާފައެވެ.
ކޮމިޝަނުގެ ރައީސް ދެއްވި ބަޔާނުގައި 2017 ވަނަ އަހަރު ކޮމިޝަން ހިންގިފައިވަނީ، މިހާރު ތަންފީޒުކުރެވެމުންދާ ދިވެހި ސިވިލް ސަރވިސްގެ 2 ވަނަ ސްޓްރެޓީޖިކް ޕްލޭނާ އެއްގޮތްވާގޮތުގެ މަތިން 2017 ވަނަ އަހަރަށް ކޮމިޝަނުގެ ކޮންމެ ޑިޕާޓުމަންޓަކާއި ސެކްޝަނެއްގެ މަސައްކަތްތައް ރުކުރުވާލެވި ބަޔާންކުރެވިފައިވާ އެކްޝަން ޕްލޭންތަކެއްގެ ދަށުންކަން ފާހަގަ ކުރެއްވިއެވެ.
ސިވިލް ސަރވިސް ކޮމިޝަނުގެ ބަޖެޓު އަހަރެއް އަހަރަކަށް ކުޑަވަމުން ގޮސްފައިވާތީ އިތުރު ބަޖެޓަރީ ރިސޯސް ހޯދުމުގެ ގޮތުން، ޓްރަސްޓް ފަންޑެއް ގާއިމްކޮށްދެއްވާފައިކަން ފާހަގަކުރައްވައި، މި ޓްރަސްޓް ފަންޑަށް އާމްދަނީ ލިބޭނެ މަސައްކަތްތައް މިއަހަރު ކުރަން ފެށިފައިވާކަން ފާހަގަކުރެއްވިއެވެ.
2017 ވަނަ އަހަރުގެ ކާމިޔާބީތައް ފާހަގަކުރައްވަމުން ކުރީ އަހަރުތަކެކޭ އެއްފަދައިން އެންމެ ބޮޑު ކާމިޔާބީއެއް ހޯދިފައިވަނީ ސިވިލް ސަރވިސްގެ މުވައްޒަފުން ތަމްރީނުކޮށް ޤާބިލު ހުނަރުވެރި މަސައްކަތްތެރީންނަށް ހެދުމުގައިކަން ފާހަގަ ކުރެއްވިއެވެ. މި ގޮތުން، 2017 ވަނަ އަހަރު ސިވިލް ސަރވިސްގެ މުވައްޒަފުން ތަމްރީނު ކުރުމަށްޓަކައި ރާއްޖެއިން ބޭރުގެ 2 ފަރާތަކާއި ރާއްޖޭގެ 3 ފަރާތަކާއެކު މި ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ފަހުމުނާމާ އެކުލަވާލެވި ތަންފީޒުކުރަން ފެށިފައިވާކަމަށާއި ނިމިގެންދިޔަ އަހަރު ސީއެސްޓީއައި އިން ހިންގުނު 154 ތަމްރީނު ޕްރޮގްރާމެއްގައި ޖުމްލަ 4،109 ސިވިލް ސަރވަންޓުން ތަމްރީނުކުރެވިފައިވާކަންވެސް މި ބަޔާނުގައި ކޮމިޝަނުގެ ރައީސް ފާހަގަކުރެއްވިއެވެ.
2017 ވަނަ އަހަރު ކޮމިޝަނަށް ދިމާވި ގޮންޖެހުންތަކުގެ ތެރޭގައި އަހަރުން އަހަރަށް ކޮމިޝަނަށް ލިބޭ ބަޖެޓް ކުޑަވަމުންދިއުމުގެ ސަބަބުން 2017 ވަނަ އަހަރު ކުރިޔަށް ގެންދިޔުމަށް ސްޓްރެޓިޖިކް ޕްލޭނުގައި ކަނޑައެޅިފައިވާ ގިނަ މަޝްރޫޢުތަކެއް ކުރިޔަށްގެންދެވިފައެއްނުވާކަން ބަޔާނުގައި ފާހަގަކުރައްވާފައި ވެއެވެ. ކޮމިޝަނުން ކުރިޔަށް ރޭވިފައިވާ ޕްލޭންތައް ހާމަކުރައްވަމުން ކޮމިޝަނުގެ ރައީސް ވިދާޅުވީ 2018 ވަނަ އަހަރަކީ ސިވިލް ސަރވިސް މިނިވަން މުސްތަޤިއްލު ޚިދުމަތެއްގެ ގޮތުގައި އުފެދި ހިނގަމުން އަންނަތާ 10 އަހަރު ފުރޭ ތާރީޚީ އަހަރުކަމުން މި މުނާސަބަތް ކުލަގަދަކޮށް ސިވިލް ސަރވިސްގެ އިދާރާތަކުގެ މެދުގައި، މާލެއާއި އަތޮޅުތެރޭގައި ފާހަގަކުރުމަށް ރޭވިފައިވާކަމަށެވެ. އަދި މި އަހަރު ބޭއްވޭ ސިވިލް ސަރވިސްގެ 3 ވަނަ ކޮންފަރެންސްގެ ޝިއާރަކަށް 'ސިވިލް ސަރވިސް ރިފޯމިންގ އެންޑް މޮޑަނައިޒިންގ' މި ޝިއާރު ކަނޑައަޅައި، ސިވިލް ސަރވިސް އިސްލާހުކޮށް ޒަމާނީ ކުރުމަށް ދިރާސާތަކެއް ކުރެވި މި ކޮންފަރެންސްގައި މަޝްވަރާކުރުމަށް ރޭވިފައިވާކަމަށެވެ. މީގެ އިތުރުން ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގައި ދިރާސާކުރުމާއި ފަންނީ ލަފާދިނުމުގެ ޤާބިލުކަން އިތުރުކުރުމަށް ލައިބްރަރީއެއް މި އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ޤާއިމުކޮށް މި މަސައްކަތުގެ ދައުރު ފުޅާކޮށް ދަރިވަރުންނަށް ދިރާސާކުރެވޭނެ ގޮތްތައް ފަހިކޮށްދިނުމާއި ކޮންސަލްޓެންސީގެ މަސައްކަތްތައް ކުރުން ދިރުވުން ވެސް މިއަހަރަށް ރޭވިފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނެއެވެ.
ކޮމިޝަނުގެ ރައީސްގެ ބަޔާން ނިންމަވާލައްވަމުން މި އަހަރަކީ ދިވެހި ސިވިލް ސަރވިސް ގެ ގިނަ މުވައްޒަފުން ގެ އުޖޫރަތަކަށް ސަރުކާރުން ހެޔޮބަދަލުތަކެއް ގެނެސްދެއްވާ އަހަރަކަށްވާތީ،ބޮޑުވި އުޖޫރައާއި އެއްވަރަށް ޚިދުމަތުން ވެސް އެކަން ދައްކަވައިދެއްވުމަށް ކޮމިޝަނުގެ ރައީސް އެދިވަޑައިގެންނެވިއެވެ.
ފަހުގެ ޚަބަރުތައް
ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) އިންޑިއާ، އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު އައުކޮށް ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ސިވިލް ސަރވިސް މުވައްޒަފުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމުތައް ފަށައިފި
07 ސެޕްޓެމްބަރ 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024 މިއަދު ފަށައިފި
09 ޖޫން 2024
"މޯލްޑިވްސް ސިވިލް ސަރވިސް ކޮންފަރެންސް 2024" އާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ ފަރާތްތަކާ އެކު ފަހުމުނާމާ/އެއްބަސްވުމުގައި ސިވިލް ސަރވިސް ކޮމިޝަނުން ސޮއި ކުރައްވައިފި
04 ޖޫން 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024، ޖޫން 9- 10 ގައި ބާއްވަނީ
30 މެއި 2024
ސިވިލް ސަރވިސް އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާމެދު އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ފަރުމާކުރެވިފައިވާ އޮންލައިން ނިޒާމެއް އިދާރާތަކުގައި ތައާރަފުކުރުމަށް ކޮމިޝަނުން ނިންމައިފި
31 ޑިސެމްބަރ 2023