20 ފެބްރުއަރީ 2018
މިއަހަރަކީ ދިވެހި ސިވިލް ސަރވިސް މިނިވަން މުސްތަޤިއްލު ޚިދުމަތެއްގެ ގޮތުގައި އުފެދި ކާމިޔާބު ކަމާއެކު ހިނގަމުން އަންނަތާ 10 އަހަރު ފުރޭ ތާރީޚީ އަހަރުކަމުން މި މުނާޞަބަތު ކުލަގަދަގޮތެއްގައި ފާހަގަކުރުމަށް މަސައްކަތްކުރުމަށް ސިވިލް ސަރވިސް ބޮޑަތި އިދާރާތަކުން ހޮވާލެވެނު ވިލަރެސް ވެރިންނާއި ނުވަތަ ކޯޑިނޭޓަރުންނާއި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ބައްދަލުކުރައްވައިފިއެވެ. ކޮމިޝަނުގެ ޓްރެއިނިންގ ރޫމުގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި، ސިވިލް ސަރވިސްއަށް 10 އަހަރު ފުރޭ މުނާޞަބާގެ މުހިންމުކަމުގެ މައްޗަށާއި، އަދި މުނާޞަބާއާ ގުޅިގެން ސިވިލް ސަރވިސްގެ މުވައްޒަފުންގެ ހުނަރާއި ލީޑަރޝިޕް ދައްކާލުމަށް ވަރަށްގިނަ ފުރުޞަތުތަކެއް ފަހިވެގެން އަންނާނެކަމަށް ކޮމިޝަނުގެ ރައީސް މި ބައްދަލުވުމުގެ ބައިވެރިންނާއި މުޚާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ދުޅަހެޔޮކަމާއި ކުރިމަގަށް ފަހިވޭތޯ ކުރެވޭ ބައެއް ކަންކަމުގެ ވާހަކަވެސް ކޮމިޝަނުގެ ރައީސް މި ކޮމެޓީގެ ބޭފުޅުންނާއި ހިއްސާކުރެއްވިއެވެ. މިގޮތުން ސިވިލް ސަރވިސް ކުލަބެއް ރަޖިސްޓްރީވެފައި އެހެންނަމަވެސް ހަރަކާތެއް ނެތި އޮތްކަން ފާހަގަކުރައްވައި، މި ކުލަބަށް ފުރާނަ އަޅުވައިދީ ހިންގުމަށް މި ފަހަރުގެ ހަރަކާތުގެ ތެރޭގައި މަސައްކަތްކޮށްދެއްވުމަށް ވިލަރެސްވެރިންގެ ކިބައިން އެދިވަޑައިގެންނެވިއެވެ. އަދި މި ކުލަބު އަލުން ހަރަކާތްތެރި ކުރެވިއްޖެނަމަ، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް މު ކުލަބުގައި ހަރަކާތްތެރިވެ ކަންކަން ހިންގާލުމަށް އަދި ލީޑަރޝިޕް ދައްކާލުމަށް ރަނގަޅު ފުރުޞަތުތަކެއް ލިބިގެންދާނެކަމުގައި ބަޔާންކޮށްދެއްވިއެވެ.
ދިވެހި ސިވިލް ސަރވިސްއަށް 10 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ކުރިންސުރެ ކުރެވޭތޯ ބަލަމުން ދާ ބައެއް މަސައްކަތްތައް ކަމަށްވާ ސިވިލް ސަރވިސް މުވައްޒަފުންގެ ޑޭކެއަރ ސެންޓަރެއް ހުޅުވުމާއި، ކުރިން ހުރިކަހަލަ ސިވިލް ސަރވިސް މުވައްޒަފުންގެ ނާދީއެއް ނުަވަތަ އެކްޓިވިޓީ ސެންޓަރެއް ޤާއިމުކުރެވޭތޯ މަސައްކަތްކުރުމަށް ކޮމިޝަނުގެ ރައީސް އެދިވަޑައިގެންނެވިއެވެ. މި ކަންކަމުގެ އިތުރުން 10 އަހަރުގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ޓެލެންޓް ޝޯއެއް ބޭއްވުމާއި، އާއިލީ ހަވީރެއް ބޭއްވުމާއި މަޖައްލާއެއް ނެރުމާއި ދިވެހި ސިވިލް ސަރވިސްގެ 3 ވަނަ ކޮންފަރެންސް ބޭއްވުމަށާއި އަދި އަހަރީ ދުވަސްކަމުގައިވާ 1 މެއި 2018ގެ މުނާޞަބަތުގައި ޤައުމީ ފެންވަރުގެ ޚާއްޞަ ޖަލްސާއެއް ބޭއްވުމާއި ކުޅިވަރު 3 މުބާރާތެއްވެސް ބޭއްވުމަށް ރޭވިފައިވާކަމަށް ކޮމިޝަނުގެ ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި މި ހަރަކާތްތައް ރާވައި ހިންގުމުގައި ވީ ވަރަކުން އަތޮޅު ތެރޭގައި ތިއްބެވި ސިވިލް ސަރވިސްގެ މުވައްޒަފުން ބައިވެރިކުރެއްވުމަށް ވެސް އެދިވަޑައިގެންނެވިއެވެ.
ފަހުގެ ޚަބަރުތައް
ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) އިންޑިއާ، އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު އައުކޮށް ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ސިވިލް ސަރވިސް މުވައްޒަފުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމުތައް ފަށައިފި
07 ސެޕްޓެމްބަރ 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024 މިއަދު ފަށައިފި
09 ޖޫން 2024
"މޯލްޑިވްސް ސިވިލް ސަރވިސް ކޮންފަރެންސް 2024" އާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ ފަރާތްތަކާ އެކު ފަހުމުނާމާ/އެއްބަސްވުމުގައި ސިވިލް ސަރވިސް ކޮމިޝަނުން ސޮއި ކުރައްވައިފި
04 ޖޫން 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024، ޖޫން 9- 10 ގައި ބާއްވަނީ
30 މެއި 2024
ސިވިލް ސަރވިސް އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާމެދު އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ފަރުމާކުރެވިފައިވާ އޮންލައިން ނިޒާމެއް އިދާރާތަކުގައި ތައާރަފުކުރުމަށް ކޮމިޝަނުން ނިންމައިފި
31 ޑިސެމްބަރ 2023