11 ފެބްރުއަރީ 2018
މުސާރައަށް މިހާރު ގެނެވިފައިވާ ބަދަލާއެކު ސިވިލް ސަރވިސް މުވައްޒަފުންގެ 73.6 އިންސައްތަ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެވިފައިވާކަމަށް ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ވިދާޅުވެއްޖެއެވެ. ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމު މިހެން ވިދާޅުވީ ސިވިލްސަރވިސްގެ މުސާރައަށް މިހާރު ގެނެވިފައިވާ ބަދަލުތަކާ ބެހޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދިނުމަށް މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުންނެވެ.
ނޫސްވެރިނަށް މަޢުލޫމާތުދެއްވަމުން ޑރ. ޢަލީ ޝަމީމު ވިދާޅުވީ މުސާރަ މާނަ ކުރެވެނީ އެލަވަންސްތަކާ ވެސް އެކުގައި ކަމަށްވުމުން މިހާރު އަލަށް ކަނޑައެޅުއްވި އެލަވަންސްއާއެކު މުވައްޒަފުންގެ މުސާރަ ބޮޑުވެގެންދާނެކަމަށް ދެކެވަޑައިގަންނަވާކަމަށެވެ. އަދި އަސާސީ މުސާރައަށް ބަދަލުގެނައުމުގެ ބަދަލުގައި އެލަވަންސެއްގެ ގޮތުގައި އެބައި ދިނުމަށް ނިންމާފައިވަނީ ވެސް މުވައްޒަފުން ގެއަށް ގެންދިއުމަށް ލިބޭ އުޖޫރައިން އެއްވެސް ބައެއް އުނިނުވާނެގޮތެއް ހަމަޖެއްސެވުމުގެ ވިސްނުމުގައިކަން ކޮމިޝަނުގެ ރައީސް ފާހަގަކުރެއްވިއެވެ.
މިފަހަރު މުސާރަ އެންމެބޮޑު ނިސްބަތަކުން ބޮޑުވެފައިވަނީ އެންމެ ދަށްފަންތީގެ މުވައްޒަފުންނަށްކަން ފާހަގަކުރައްވާ ޑރ. ޢަލީ ޝަމީމު ވިދާޅުވީ އެންމެ ދަށްފަންތީގެ މުވައްޒަފުންނަށް އެވްރެޖްގޮތެއްގައި 37 އިންސައްތައިގެ މުސާރައިންގެ ކުރިއެރުމެއް ގެނެވިފައިވާކަމަށެވެ. އަދި މަތީ ފަންތީގެ މުވައްޒަފުންނަށް އެވްރެޖުކޮށް އިތުރުވެފައިވާނީ 28 އިންސައްތަކަން ކޮމިޝަނުގެ ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަލަށް މި ގެނެވުނު ބަދަލާއެކު މިހާރު ސިވިލް ސަރވިސްގެ އެންމެ ދަށްފަންތީގެ މުވައްޒަފަކަށް ވެސް ހުރިހާ އެލަންވަންސްއަކާއެކު މުސާރައަށް މަހަކު 5300 ރުފިޔާ ލިބޭނެކަމާށާއި އަދި މިބަދަލާ ގުޅިގެން އެންމެ ދަށްފަންތީގެ މުވައްޒަފުންގެ މުސާރައަށް ދައުލަތުން އަހަރު 83.75 މިލިޔަން ރުފިޔާ އިތުރަށް ޚަރަދުވާނެކަމަށް ކޮމިޝަނުގެ ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ސިވިލް ސަރވިސްގެ ޖެނެރަލް ސަރވިސްގައި ހިމެނޭ 7000 އަށްވުރެ ގިނަ މަޤާމުތަކުގެ މުސާރައަށް މިގެނެވުނު ބަދަލާއެކު ޖުމްލަ 60.74 މިލިޔަން ރުފިޔާ މުސާރައިގެ ގޮތުގައި އިތުއަށް މި ކެޓަގަރީއަށް ޚަރަދުވާނެކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވެއެވެ.
ސިވިލް ސަރވިސްގެ މުސާރައަށް އެކިފަހަރުމަތިން މިހާތަނަށް ހެޔޮބަދަލުތަކެއް ގެނެވިފައިވާކަން ކޮމިޝަނުގެ ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން 2012 އިން 2013 އަށް ސިވިލް ސަރވިސްގެ 2.2 އިންސައްތަ މުވައްޒަފުންގެ މުސާރައަށް ހެޔޮބަދަލުތަކެއް ގެނެވިފައިވާކަމަށާއި، 2014 އިން 2017 އަށް 24.2 އިންސައްތަ މުވައްޒަފުންގެ މުސާރައަށް ކުރިއެރުން ލިބިފައިބާކަމަށާއި އަދި މިއަހަރު މިގެނެވޭ ބަދަލާއެކު ސިވިލް ސަރވިސްގެ 73.6 އިންސައްތަ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެވިފައިވާކަމަށް ކޮމިޝަނުގެ ރައީސް ވިދާޅުވިއެވެ.
މިއަދުގެ ޕްރެސް ކޮންފަރެންސްގައި، މި އަހަރު ސިވިލް ސަރވިސްއަށް 10 އަހަރު ފުރޭތީ އެ މުނާޞަބާ ކުލަގަދަކޮށް ފާހަގަކުރުމަށް ރޭވިފައިވާ ޕްރޮގްރާމުތަކުގެ މަޢުލޫމާތު ނޫސްވެރިންނާ ހިއްސާކުރުމާއި މި އަހަރު ދިނުމަށް ހަމަޖެހިފައިވާ ސިވިލް ސަރވިސް އީޖާދީ އިނާމާބެހޭ މަޢުލޫމާތު ނޫސްވެރިންނަށް ދިނުންވެސް ކުރިޔަށްދިޔައެވެ.
ފަހުގެ ޚަބަރުތައް
ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) އިންޑިއާ، އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު އައުކޮށް ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ސިވިލް ސަރވިސް މުވައްޒަފުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމުތައް ފަށައިފި
07 ސެޕްޓެމްބަރ 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024 މިއަދު ފަށައިފި
09 ޖޫން 2024
"މޯލްޑިވްސް ސިވިލް ސަރވިސް ކޮންފަރެންސް 2024" އާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ ފަރާތްތަކާ އެކު ފަހުމުނާމާ/އެއްބަސްވުމުގައި ސިވިލް ސަރވިސް ކޮމިޝަނުން ސޮއި ކުރައްވައިފި
04 ޖޫން 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024، ޖޫން 9- 10 ގައި ބާއްވަނީ
30 މެއި 2024
ސިވިލް ސަރވިސް އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާމެދު އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ފަރުމާކުރެވިފައިވާ އޮންލައިން ނިޒާމެއް އިދާރާތަކުގައި ތައާރަފުކުރުމަށް ކޮމިޝަނުން ނިންމައިފި
31 ޑިސެމްބަރ 2023