ތިން ވަނަ ސިވިލް ސަރވިސް ކޮންފަރެންސް މިއަދު ފަށައިފި.

14 އޭޕްރީލް 2018



ދިވެހި ސިވިލް ސަރވިސް ޒަމާނީކޮށް ކުރިއެރުވުމަށް ބޭނުންވާ ޢިލްމީ އަދި ފަންނުވެރި ޚިޔާލާއި މަޢުލޫމާތު ހޯދުމުގެ މަޤްޞްދުގައާއި ދިވެހި ސިވިލް ސަރވިސްގެ ކަންކަމާގުޅޭ ގޮތުން މަޝްވަރާކޮށް ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ ހައްލު ހޯދައި ކުރިމަގަށް ބޭނުންވާ ކަންކަން ދެނެގަތުމަށް ކޮންމެ ދެއަހަރަކުން އެއްއަހަރު ބޭއްވޭ ދިވެހި ސިވިލް ސަރވިސްގެ ކޮންފަރެންސް މިއަދު ދަރުބާރުގޭގައި ފަށައިފިއެވެ.

ކޮންފަރެންސް ފެށުމުގެ ގޮތުން ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާގެ ނައިބު އޮނަރަބަލް ޢަބުދުﷲ ޖިހާދު ދެއްކެވި ވާހަކަފުޅުގައި ސިވިލް ސަވިސްއަށް ހުރި ގޮންޖެހުންތަކާ ބަލައި ކުރިމަގަށް ރޭވުންތައް ރޭއްވެވުމަށް މި ކޮންފަރެންސަކީ މުހިންމު ކޮންފަރެންސެއްކަން ފާހަގަކުރެއްވިއެވެ. އަދި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު މަތިކުރުމުގެ މަސައްކަތަކީވެސް ވަރަށް އިސްކަމެއް ދޭން ޖެހޭކަމެއްކަން ފާހަގަކުރައްވައި އެކަމަށް މި ކޮންފަރެންސްގެ ތެރެއިން ހައްލުތަކެއް ލިބިގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ. އަދި ކުރިމަގުގައި ސިވިލް ސަރވިސްގެ ޚިދުމަތްތަކަކީ އިންފޮމޭޝަން ޓެކްނޮލޮޖީ ބޭނުންކޮށްގެން ޚިދުމަތް ހޯދާ ފަރާތްތަކުން އެ އޮފީސްތަކަށް ދާން ނުޖެހި ޚިދުމަތް ފޯރުކޮށްދެވޭ ފެންވަރަށް ސިވިލް ސަރވިސްގެ ޚިދުމަތް ތަރައްޤީވުމަށް އެދިވަޑައިގަންވާކަމަށް ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމު ވަނީ ސިވިލް ސަރވިސް އުފެއްދުމަށްފަހު ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ހޯދިފައިވާ ކުރިއެރުންތަކުގެ މައްޗަށް އަލި އަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. އޭގެ ތެރޭގައި މުވައްޒަފުން ތަމްރީނު ކުރުމުގެ ކަންކަން ކުރިއަރައިގެން ދިޔަގޮތާ، ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް ކުރެވުނު ކަންކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މި ފަހަރުގެ ސިވިލް ސަރވިސް ކޮންފަރެންސަށް ޚާއްސަކޮށް ސިވިލް ސަރވިސް ކޮމިޝަނުން ކުރިޔަށް  ގެންގޮސްފައިވާ ދިރާސާއެއްގެ ނަތީޖާ ދައްކާގޮތުން ދިރާސާގައި ބައިވެރިވި މީހުންގެ 64 އިންސައްތަ މީހުން ސިވިލް ސަރވިސް އާމެދު ހިތްހަމަ ޖެހޭކަމަށް ހާމަކޮށްފައިވާކަން  ފާހަގަކުރެއްވައި މި ދިރާސާގެ މައްޗަށް ކޮމިޝަނުގެ ރައީސްގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.

ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ކޮންފަރެންސްގެ ފޮތް ނެރެދިނުންވެސް ކުރިޔަށްދިޔައެވެ. ކޮންފަރެންސްގެ ފޮތް ނެރެދެއްވީ ޖަލްސާގެ ޝަރަފުވެރި މެހުމާން، ރައީސުލް ޖުމްހޫރިއްޔާގެ ނައިބެވެ.

ސިވިލް ސަރވިސް 3 ވަނަ ކޮންފަރެންސް މިއަދު ފެށިގެން ކުރިޔަށްދާއިރު މިކޮންފަރެންސްގެ މިއަހަރުގެ މައިގަނޑު ޝިޔާރަކީ "ރިފޯމިންގ އެންޑް މޮޑަނައިޒިންގ ސިވިލް ސަރވިސް" ނުވަތަ ސިވިލް ސަރވިސް އިސްލާޙްކޮށް ޒަމާނީކުރުމެވެ.

މި ޝިޔާރުގެ ދަށުން އިތުރު 4 ޝިޔާރަކަށް ނަޒަރު ހިންގައި މިޝިޔާރުތަކުގެ ދަށުން ޖުމްލަ 10 ދިރާސާ ކަރުދާހެއް ހުށަހަޅައި މިކޮންފަރެންސްގައި މަޝްވަރާ ކުރުމަށް ރޭވިފައިވެއެވެ. ސަބްތީމްތަކުގެ ގޮތުގައި ކަނޑައެޅިފައިވާ 4 ޝިޔާރަކީ؛

  1. އެގްޒަލަރޭޓިންގ އޮގަނައިޒޭޝަނަލް ޕަރފޯމަންސް (އޮފީހުގެ މަސައްކަތްތައް ހަލުވިކޮށް ނަތީޖާ ނެރުން)
  2. ކޮމްޕޮޓެންސީ-ބޭސްޑް ރެކްރޫޓްމަންޓް (މަސައްކަތުގެ ޤާބިލުކަމާއި ހުނަރުވެރިކަމަށް ބަލައި މުވައްޒަފުންނަށް ވަޒީފާ ދިނުން)
  3. ޑިޖިޓަލައިޒޭޝަން/ސްމާރޓް ގަވަނަންސް (ޑިޖިޓަލްކުރުމާއި ހިންގުން ސްމާރޓްކޮށް ގެންދިޔުން)
  4. ރީތިންކިންގ ވާރކް ކަލްޗަރ (މަސައްކަތުގެ ސަޤާފަތާމެދު އަލުން ވިސްނުން)

މިކޮންފަރެންސްގައި ސިވިލް ސަރވިސްގެ އެންމެ އިސް އަހުލުވެރިންކަމުގައިވާ ޕަރމަނަންޓް ސެކްރެޓަރީންނާއި ޒިންމާދާރުވެރިން އަދި ބައެއް މުވައްޒަފުން ބައިވެރިވެ ވަޑައިގަންނަވައެވެ. އަދި ސިވިލް ސަރވިސްއާއި ގުޅުންހުރި ދައުލަތުގެ މުއައްސަސާތަކާއި ސިޔާސީ ވެރިންގެ ގޮތުގައި ތިއްބަވާ ބައެއް ބޭފުޅުންވެސް މި ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަންނަވައެވެ.

މިއަހަރަކީ ދިވެހި ސިވިލް ސަރވިސްއަށް 10 އަހަރުފުރޭ ތާރީޚީ އަހަރުކަމުން މިކޮންފަރެންސް ވެފައި ވަނީ  ދިވެހި ސިވިލް ސަރވިސްގެ ކުރިމަގު ބައްޓަންކޮށްދޭނެ އިޖާބީ އަދި އީޖާދީ ޚިޔާލާއި މަޢުލޫމާތު އެއްކުރެވިގެންދާނެ ކޮންފަރެންސަކަށެވެ. އަދި މި ކޮންފަރެންސް އިން ނެރެވޭ ނަތީޖާއެއްގެ ގޮތުން ކުރިމަގުގައި ދިވެހި ސިވިލް ސަރވިސް އިސްލާޙުކޮށް ތަރައްޤީ ކުރުމަށް ބޭނުންވާ ރޭވުންތައް އެކުލަވާލުމަށް ފަސޭހަވެގެންދާނެއެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307