15 އޭޕްރީލް 2018
ދިވެހި ސިވިލް ސަރވިސް 3 ވަނަ ކޮންފަރެންގައި ވަނީ ސިވިލް ސަރވިސް އިދާރާތަކާއި އަމިއްލަ ފަރާތްތަކުން ޖުމްލަ 11 ދިރާސާ ކަރުދާހެއް ހުށަހަޅާފައެވެ. މީގެ އިތުރުން ކީނޯޓް ސްޕީކަރުންގެ ގޮތުގައި ރާއްޖެއާ ރާއްޖޭން ބޭރުގެ ފަރާތްތަކުގެ ހުށަހެޅުންތައް ވެސް ކޮންފަރެންސްގައި ފެނިގެންދިޔައެވެ. ސިވިލް ސަރވިސް 3ވަނަ ކޮންފަރެންސް ނިންމާލާފައި ވަނީ ކުރިމަގަށް ކުރަންހުރި ކަންކަމާމެދު މަޝްވަރާކޮށް ކުރިޔަށްދާނެ ޕްލޭންތަކަކާ އެކުގައެވެ.
ސިވިލް ސަރވިސް 3ވަނަ ކޮންފަރެންސް ނިންމުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޓުއަރިއަޒަމް އޮނަރަބުލް މުސާ ޒަމީރެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ސިވިލް ސަރވިސް ކޮންފަރެންސްގައި ކުރިޔަށްދިޔަ މަސައްކަތްތަކަށް އިޝާރާތްކުރައްވާ ވިދާޅުވީ މި ކޮންފަރެންސްގައި މަޝްވަރާކުރެވުނު ކަންކަމަކީ އެކަމުގެ ނަތީޖާ ފެނިގެންދާނެ ކަންތައްތައް ކަމުގައި ޤަބޫލުފުޅު ކުރައްވާކަމެށެވެ. އަދި މި ކޮންފަރެންސްގެ ބައިވެރިންނާއި އަދި ޖުމްލަކޮށް ސިވިލް ސަރވިސްގެ މުވައްޒަފުންގެ މަސައްކަތް ފާހަގަކުރައްވާ މުވައްޒަފުންގެ މަސައްކަތަށް ތައުރީފުކުރައްވާ ހިއްވަރުދެއްވިއެވެ. މީގެ އިތުރުން ސިވިލް ސަރވިސްގައި މިހާރު ރަނގަޅު ކުރަންހުރި ކަންކަން ފާހަގަ ކުރައްވާ އެކަންކަމުގެ މައްޗަށް ވެސް މިނިސްޓަރ ވާހަކަފުޅު ދެއްކެވިއެވެ.
މި ރަސްމިއްޔާތުގައި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމު ދެއްކެވި ވާހަކަފުޅުގައި މިފަހަރުގެ ކޮންފަރެންސްގައި ކުރިޔަށްދިޔަ އެކިއެކި ބައިތަކަށް އަލިއަޅުވާލައްވާ ވިދާޅުވީ ކުރިޔަށް ދެން އޮންނަ ސިވިލް ސަރވިސް ކޮންފަރެންސްއަށް މި ކޮންފަރެންސްއިން ލިބުނު އެންމެބޮޑު ފިލާވަޅަކީ ކަންކަން ހިންގުމުގައި ދަތިތަކާއި ހުރަސްތައް ހުރި ނަމަވެސް އީޖާދީ އީޖާބީގޮތްތައް ހޯދައިގެން ކުރިޔަށްދެވޭނެ ދެނެގަނެވުން ކަމަށެވެ. އަދި ސިވިސް ސަރވިސްގެ ކަންކަން ހަރުދަނާކުރުމުގައި މި ކޮންފަރެންސްގެ މުހިންމުކަން ކޮމިޝަނުގެ ރައީސް ފާހަގަކުރެއްވިއެވެ.
ސިވިލް ސަރވިސް 3 ވަނަ ކޮންފަރެންސް މިމަހުގެ 14 އަދި 15 ވަނަ ދުވަހު ކުރިޔަށްގެންގޮސްފައި ވާއިރު މި ކޮންފަރެންސްސަށް މި އަހަރުގ ކަނޑައަޅާފައިވާ މައިގަނޑު ޝިޔާރަކީ “ރިފޯމިންގ އެންޑް މޮޑަނައިޒިންގ ސިވިލް ސަރވިސް” ނުވަތަ ސިވިލް ސަރވިސް އިސްލާޙްކޮށް ޒަމާނީކުރުމެވެ.
މި ޝިޔާރުގެ ދަށުން އިތުރު 4 ޝިޔާރަކަށް ނަޒަރު ހިންގައި މިޝިޔާރުތަކުގެ ދަށުން ޖުމްލަ 10 ދިރާސާ ކަރުދާހެއް މި ކޮންފަރެންސައް ހުށަހަޅައި ވަނީ މަޝްވަރާ ކުރެވިފައެވެ. ސަބްތީމްތަކުގެ ގޮތުގައި ކަނޑައެޅިފައިވާ 4 ޝިޔާރަކީ؛
- އެގްޒަލަރޭޓިންގ އޮގަނައިޒޭޝަނަލް ޕަރފޯމަންސް (އޮފީހުގެ މަސައްކަތްތައް ހަލުވިކޮށް ނަތީޖާ ނެރުން)
- ކޮމްޕޮޓެންސީ-ބޭސްޑް ރެކްރޫޓްމަންޓް (މަސައްކަތުގެ ޤާބިލުކަމާއި ހުނަރުވެރިކަމަށް ބަލައި މުވައްޒަފުންނަށް ވަޒީފާ ދިނުން)
- ޑިޖިޓަލައިޒޭޝަން/ސްމާރޓް ގަވަނަންސް (ޑިޖިޓަލްކުރުމާއި ހިންގުން ސްމާރޓްކޮށް ގެންދިޔުން)
- ރީތިންކިންގ ވާރކް ކަލްޗަރ (މަސައްކަތުގެ ސަޤާފަތާމެދު އަލުން ވިސްނުން)
މިކޮންފަރެންސްގައި ސިވިލް ސަރވިސްގެ އެންމެ އިސް އަހުލުވެރިންކަމުގައިވާ ޕަރމަނަންޓް ސެކްރެޓަރީންނާއި ޒިންމާދާރުވެރިން އަދި ބައެއް މުވައްޒަފުން ބައިވެރިވެ ވަޑައިގަންނަވައެވެ. އަދި ސިވިލް ސަރވިސްއާއި ގުޅުންހުރި ދައުލަތުގެ މުއައްސަސާތަކާއި ސިޔާސީ ވެރިންގެ ގޮތުގައި ތިއްބަވާ ބައެއް ބޭފުޅުންވެސް މި ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަންނަވައެވެ.
ފަހުގެ ޚަބަރުތައް
ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) އިންޑިއާ، އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު އައުކޮށް ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ސިވިލް ސަރވިސް މުވައްޒަފުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމުތައް ފަށައިފި
07 ސެޕްޓެމްބަރ 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024 މިއަދު ފަށައިފި
09 ޖޫން 2024
"މޯލްޑިވްސް ސިވިލް ސަރވިސް ކޮންފަރެންސް 2024" އާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ ފަރާތްތަކާ އެކު ފަހުމުނާމާ/އެއްބަސްވުމުގައި ސިވިލް ސަރވިސް ކޮމިޝަނުން ސޮއި ކުރައްވައިފި
04 ޖޫން 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024، ޖޫން 9- 10 ގައި ބާއްވަނީ
30 މެއި 2024
ސިވިލް ސަރވިސް އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާމެދު އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ފަރުމާކުރެވިފައިވާ އޮންލައިން ނިޒާމެއް އިދާރާތަކުގައި ތައާރަފުކުރުމަށް ކޮމިޝަނުން ނިންމައިފި
31 ޑިސެމްބަރ 2023