3 ވަނަ ސިވިލް ސަރވިސް ކޮންފަރެންސް ހޮނިހިރުދުވަހު ފެށެނީ

11 އޭޕްރީލް 2018



ދިވެހި ސިވިލް ސަރވިސް ޒަމާނީކޮށް ކުރިއެރުވުމަށް ބޭނުންވާ ޢިލްމީ އަދި ފަންނުވެރި ޚިޔާލާއި މަޢުލޫމާތު ހޯދުމުގެ މަޤްޞްދުގައާއި ދިވެހި ސިވިލް ސަރވިސްގެ ކަންކަމާގުޅޭ ގޮތުން މަޝްވަރާކޮށް ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ ހައްލު ހޯދައި ކުރިމަގަށް ބޭނުންވާ ކަންކަން ދެނެގަތުމަށް ކޮންމެ ދެއަހަރަކުން އެއްއަހަރު ބޭއްވޭ ދިވެހި ސިވިލް ސަރވިސްގެ ކޮންފަރެންސް މި އެޕްރީލް މަހުގެ 14ވާ ހޮނިހިރު ދުވަހު ދަރުބާރުގޭގައި ފެށުމަށް ހަމަޖެހިފައިވެއެވެ. އެޕްރީލްމަހުގެ 15ގެ ނިޔަލަށް ކުރިއަށްގެންދެވޭ 2 ދުވަހުގެ މިކޮންފަރެންސްގެ މިއަހަރުގެ މައިގަނޑު ޝިޔާރަކީ "ރިފޯމިންގ އެންޑް މޮޑަނައިޒިންގ ސިވިލް ސަރވިސް" ނުވަތަ ސިވިލް ސަރވިސް އިސްލާޙްކޮށް ޒަމާނީކުރުމެވެ.

މައިގަނޑު މި ޝިޔާރުގެ ދަށުން އިތުރު 4 ޝިޔާރަކަށް ނަޒަރު ހިންގައި މިޝިޔާރުތަކުގެ ދަށުން ޖުމްލަ 9 ދިރާސާ ކަރުދާހެއް ހުށަހަޅައި މިކޮންފަރެންސްގައި މަޝްވަރާ ކުރުމަށް ރޭވިފައިވެއެވެ. ސަބްތީމްތަކުގެ ގޮތުގައި ކަނޑައެޅިފައިވާ 4 ޝިޔާރަކީ؛

  1. އެގްޒަލަރޭޓިންގ އޮގަނައިޒޭޝަނަލް ޕަރފޯމަންސް (އޮފީހުގެ މަސައްކަތްތައް ހަލުވިކޮށް ނަތީޖާ ނެރުން)
  2. ކޮމްޕޮޓެންސީ-ބޭސްޑް ރެކްރޫޓްމަންޓް (މަސައްކަތުގެ ޤާބިލުކަމާއި ހުނަރުވެރިކަމަށް ބަލައި މުވައްޒަފުންނަށް ވަޒީފާ ދިނުން)
  3. ޑިޖިޓަލައިޒޭޝަން/ސްމާރޓް ގަވަނަންސް (ޑިޖިޓަލްކުރުމާއި ހިންގުން ސްމާރޓްކޮށް ގެންދިޔުން)
  4. ރީތިންކިންގ ވާރކް ކަލްޗަރ (މަސައްކަތުގެ ސަޤާފަތާމެދު އަލުން ވިސްނުން)

މިކޮންފަރެންސްގައި ސިވިލް ސަރވިސްގެ އެންމެ އިސް އަހުލުވެރިންކަމުގައިވާ ޕަރމަނަންޓް ސެކްރެޓަރީންނާއި ޒިންމާދާރުވެރިން އަދި ބައެއް މުވައްޒަފުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އަދި ސިވިލް ސަރވިސްއާއި ގުޅުންހުރި ދައުލަތުގެ މުއައްސަސާތަކާއި ސިޔާސީ ވެރިންގެ ގޮތުގައި ތިއްބަވާ ބައެއް ބޭފުޅުންވެސް މި ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މިއަހަރަކީ ދިވެހި ސިވިލް ސަރވިސްއަށް 10 އަހަރުފުރޭ ތާރީޚީ އަހަރުކަމުން މިކޮންފަރެންސް ވެގެންދާނީ ދިވެހި ސިވިލް ސަރވިސްގެ ކުރިމަގު ބައްޓަންކޮށްދޭނެ އިޖާބީ އަދި އީޖާދީ ޚިޔާލާއި މަޢުލޫމާތު އެއްކުރެވިގެންދާނެ ކޮންފަރެންސަކަށެވެ. އަދި މި ކޮންފަރެންސް އިން ނެރެވޭ ނަތީޖާއެއްގެ ގޮތުން ކުރިމަގުގައި ދިވެހި ސިވިލް ސަރވިސް އިސްލާޙުކޮށް ތަރައްޤީ ކުރުމަށް ބޭނުންވާ ރޭވުންތައް އެކުލަވާލުމަށް ފަސޭހަވެގެންދާނެއެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307