ރާއްޖޭގެ ސިވިލް ސަރވިސް މުވައްޒަފުންނަށް ތަމްރީނުގެ ފުރުޞަތުތައް ހޯދުމާގުޅޭގޮތުން ތައިލެންޑާ ސްރިލަންކާގެ ކަމާގުޅޭ ބައެއް އިދާރާތަކާއެކު ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް މަޝްވަރާކުރައްވައިފި.

15 މެއި 2018



ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމު 8 މެއި 2018 ގައި ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ހުންނަ ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިޔާ އެންޑް ޕެސިފިކްގެ ސޯޝަލް ޑިވެލޮޕްމަންޓް ޑިވިޜަންގެ ޑިރެކްޓަރ ޑރ. ނަގޭޝް ކުމާރާއި އެންވަޔަރަންމަންޓް އެންޑް ޑިވެލޮޕްމަންޓް ޑިވިޝަނުގެ ޑިރެކްޓަރ ޑރ. ސްޓެފަނޮސް ފޯޓިއޯއާ ބައްދަލުކުރައްވާ ސިވިލް ސަރވިސްއަށް ތަމްރީނު ފުރުޞަތުތައް ހޯދުމާބެހޭގޮތުން ކޮމިޝަނުގެ ރައީސް މަޝްވަރާކުރައްވައިފިއެވެ.

ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި ބޭއްވެވި މި ބައްދަލުވުންތަކުގައި ޑރ. ޢަލީ ޝަމީމު ވަނީ ސިވިލް ސަރވިސް ކޮމިޝަނާއި  ޔޫއެންއެސްކެޕްއާއި ދެމެދު ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ  ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. މިގޮތުން އދ އިން ކަނޑައަޅާފައިވާ  ދެމެހެއްޓެނިވި ތަރައްޤީގެ 17 ލަނޑުދަނޑު ޙާޞިލްކުރުމަށް ސިވިލް ސަރވިސްގެ އިދާރާތަކުގައި މަސައްކަތްކުރައްވާ އިސް މުވައްޒަފުންނަށް އެސްކެޕްގެ އޮންލައި އަދި އެހެނިހެން ތަމްރީނުގެ ފުރުޞަތުތައް ތަނަވަސްކޮށްދިނުމާ ބެހޭގޮތުން ޑރ. ޢަލީ ޝަމީމު މަޝްވަރާކުރެއްވިއެވެ.  އެސްކެޕްގެ ފަރާތުން މިކަންކަމަށް ފުރިހަމައަށް އެއްބާރުލުންދެއްވާނެކަމަށް ވިދާޅުވެފައިވެ މިކަންކަން ކުރިޔަށްގެންދަވާނެ ގޮތްތަކާބެހޭގޮތުން މި ބައްދަލުވުމުގައި މަޝްވާރާކުރެއްވިއެވެ.

ކޮމިޝަނުގެ ރައީސްގެ މި ދަތުރުފުޅުގައި ތައިލެންޑުގެ ސިވިލް ސަރވިސް ކޮމިޝަނުގެ އިސްވެރިންނާ ވެސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމު ވަނީ ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައެވެ. ތައިލެންޑްގެ ސިވިލް ސަރވިސް ކޮމިޝަނާއެކު ބޭއްވެވި މި ބައްދަލުވުމުގައި އެ ކޮމިޝަނުގެ ކޮމިޝަނަރާއި ސެކްރެޓަރީ ޖެނެރަލްގެ އިތުރުން އެކޮމިޝަނުގެ އިންޓަރނޭޝަނަލް އެފެއާޒް ޑިރެކްޓަރ ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި ތައިލެންޑުގެ ސިވިލް ސަރވިސް ކޮމިޝަނާއި ދިވެހި ސިވިލް ސަރވިސްއާ އިތުރަށް ގުޅުންބަދަހި ކުރެވިދާނެ ދާއިރާތަކާގުޅޭ ގޮތުންނާއި ދެފަރާތުން  އެއްބާރުލުން އިތުރުކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

ކޮމިޝަނުގެ ރައީސް  ވަނީ ސްރިލަންކަން އިންޓިޓިއުޓް އޮފް ޑިވެލޮޕްމަންޓް އެޑްމިނިސްޓްރޭޝަން (ސްލައިޑާ) ހިންގެވުމާ ހަވާލުވެ ހުންނެވި ޑިރެކްޓަރ ޖެނެރަލް ވަސަންތާ ޕެރޭރާއާ ސްރީލަންކާގައި ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފިއެވެ.  މިބައްދަލުކުރެއްވުމުގައި ކޮމިޝަނާ ސްލައިޑާއާ ދެމެދު ސޮއިކޮށްފައިވާ ފަހުމުނާމާގެ ދަށުން ދެ މުވައްސަސާގެ ގުޅުން އިތުރަށް ބަދަހިކުރުމާބެހޭގޮތުން މަޝްވަރާކުރެވުނެވެ. މި މަޝްވަރާ ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސް ހުށަހެޅުއްވި ކަންތައްތަކުގެ ތެރޭގައި ރާއްޖޭގެ ސިވިލް ސަރވިސްގެ މުވައްޒަފުން ތަމްރީނުކުރުމުގައި ލުއިގޮތްތަކެއް ހަމަޖައްސައިދެއްވުމަށް އެދިވަޑައިގަތުމާއި، ސްލައިޑާގެ ތަމްރީނުތަކުގައި ބޭނުންކުރާ މެޓީރިއަލް ހިއްސާކުރުމާއި  ދެފަރާތުގެ މެދުގައި ލެކްޗަރާއިން ބަދަލުކުރުމާ އަދި ތަމްރީނު ޕްރޮގްރާމުތައް ހިންގެވުން ހިމެނެއެވެ. މި ބައްދަލުވުމުގައި ސްލައިޑާގެ ޑިރެކްޓަރ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި މަސައްކަތު ބައްދަލުވުންތަކާއި ތަމްރީނު ޕްރޮގްރާމުތައް ހިންގެވުމަށް ސްލައިޑާގެ ލެކްޗަރާއިން ފޮނުވައިދެއްވާނެކަމަށާއި އަދި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުގައި ސްލައިޑާގެ ޤަބޫލުކުރާ ސެކްފިކެޓް ލެވެލްގެ ތަމްރީނުތައް ހިންގޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވިއެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307