16 ސެޕްޓެމްބަރ 2018
ބ. އަތޮޅުގެ އެންމެ ދުވަސްވީ އަދި ބޮޑު ސުކޫލު ކަމުގައިވާ އަތޮޅު ތަޢުލީމީ މަރުކަޒުގެ 2018 ވަނަ އަހަރުގެ އިނާމުދިނުމުގެ ރަސްމިއްޔާތު ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމް ޝަރަފުވެރިކޮށްދެއްވައިފިއެވެ. ބ. އޭދަފުށީގައި ބޭއްވުނު މި ރަސްމިއްޔާތުގައި ސާނަވީ އަދި މަތީ ސާނަވީގެ ކުލާސްތަކުން އެކި ވަނަ ވަނަ ހާޞިލުކުރި ދަރިވަރުންނާއި، އަދި މިދިޔަ އަހަރުގެ އޭލެވެލް އިމްތިހާނާއި އޯލެވެލް އިމްތިހާނުގައި ޤައުމީ ގަދަ 10 ގައި ހިމެނުނު ކާމިޔާބު ދަރިވަރުންނާއި ދުނިޔޭގެ ގަދަ 10 ގައި ހިމެނުނު އެ މަރުކަޒުގެ ދަރިވަރުންނަށް އިނާމާއި ސަނަދު ދިނުން ބޭއްވުނެވެ.
2017 ވަނަ އަހަރު ސާނަވީ ބައިން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް (ބެސްޓް އޯލްރައުންޑް ސްޓޫޑަންޓް) ހޮވުނީ ހުރިހާ މާއްދާއަކުން އޭ ފާސް ހާސިލުކުރި ޔުމްނާ އާތިފްއެވެ. މަތީ ސާނަވީ ނުވަތަ އޭލެވެލްގެ ބައިން އެންމެމޮޅު ދަރިވަރަކަށް ހޮވުނީ ޝަމާޢީލް މުޙައްމަދު ނަސީމެވެ.
މި ރަސްމިއްޔާތުގައި 2017 ވަނަ އަހަރުގެ ރިޕޯޓު އިއްވަވައިދެއްވައި، ހާޞިލުކުރެވިފައިވާ ކާމިޔާބީތަކުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދެއްކެވީ މަރުކަޒުގެ ޕްރިންސިޕަލް އަހުމަދު ރަފީޢުއެވެ. އޭނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި މިދިޔަ އަހަރަކީ މަރުކަޒުގެ 40 އަހަރުގެ ހަޔާތުގައި އެންމެ ގިނަ ދަރިވަރުން ސާނަވީ އިމްތިހާނުގައި ފާސްވި ރިކޯޑު އަހަރެކެވެ. މިގޮތުން 5 މާއްދާއިން 83 އިންސައްތަ ދަރިވަރުން ފާސްވިކަން ފާހަގަކުރެއްވެވިއެވެ.
ޝަރަފްވެރި މެހެމާނުގެ ހައިސިއްޔަތުން ދަރިވަރުންނާއި، މަރުކަޒުގެ ހިންގުންތެރިންނާއި، މުދައްރިސުން އަދި ބެލެނިވެރިންނާއި މުޚާތަބުކުރައްވަވައި، ވާހަކަފުޅު ދައްކަވަމުން ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމް ވަނީ ޒަމާނަށްފެތި ރާއްޖެއަށް ބޭނުންވާ ދާއިރާތަކުން މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށް، ދުރާލާ މިކަމަށް އަހުލުވެރިވެ ހޭލުންތެރިވުމަށް އިލްތިމާސްކުރެއްވެވިއެވެ. އަދި ޢިލްމާއި އެއްވަރަށް އަޚްލާޤުވެސް ދަސްކުރުމަށާއި، ތަޢުލީމާއެކު ތަރުބިއްޔަތުވެސް ލިބިގެންދިޔުމުގެ މުޙިއްމުކަމުގެ މައްޗަށް އަލިއަޅުވާލައްވަވައި އަމިއްލަފުޅު ތަޖުރިބާ އަދި ރާއްޖޭގެ އިލްމުވެރި ބައެއް ޝަހުސިއްޔަތުތައް މި މޭރުމުން ދައްކަވާފައިވާ މިސާލުތައް ހިއްސާކުރެއްވެވިއެވެ.
ފަހުގެ ޚަބަރުތައް
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ވަގުތީ ކޮމެޓީ އެކުލަވާލައިފި
21 ސެޕްޓެމްބަރ 2025
ކޮމްޕްލިއެންޓްސް މޮޑިއުލް އިފްތިތާޙުކޮށްފި
27 އޯގަސްޓް 2025
އަޔަލޭންޑުގެ ސަފީރު ސިވިލް ސަރވިސް ކޮމިޝަނާ ބައްދަލުކުރައްވައިފި
04 ފެބްރުއަރީ 2025
ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) އިންޑިއާ، އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު އައުކޮށް ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ސިވިލް ސަރވިސް މުވައްޒަފުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމުތައް ފަށައިފި
07 ސެޕްޓެމްބަރ 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024 މިއަދު ފަށައިފި
09 ޖޫން 2024