ވެރިކަން ބަދަލުވުމުގެ މަރުޙަލާއާބެހޭ ޤާނޫނުގެ ދަށުން ޑައިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަޤާމަށް ބޭފުޅަކު އައްޔަންކުރައްވައިފި

01 އޮކްޓޯބަރ 2018



ވެރިކަން ބަދަލުވުމުގެ މަރުޙަލާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ޑައިރެކްޓަރ ޖެނެރަލް އޮފް އޮފް ޓްރާންސިޝަންގެ މަޤާމަށް ހ. ސީވީޑް އަލްފާޟިލް އަޙުމަދު ލަޠީފު އައްޔަންކުރައްވައިފިއެވެ.

ޑައިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަޤާމު ހަވާލުކުރުމާއި އަދި ވަޒީފާގެ އެއްބަސްވުން އަހަވާލުކޮށްދެއްވުމަށް މިއަދު ހެނދުނު ކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ލިއުން ހަވާލުކޮށްދެއްވީ ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނުގެ މެންބަރުންނާއި ސީނިއަރ ސްޓާފުންގެ އިތުރުން އެމްޑީޕީގެ ސެކްޓްރީ ޖެނެރަލް އަނަސް ޢަބުދުއްސައްތާރު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޤާނޫނު ނަމްބަރު 05/2010 (ވެރިކަން ބަދަލުވުމުގެ މަރުޙަލާއާބެހޭ ޤާނޫނު) އަކީ ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި އަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކޮށްފައިވާ ޤާނޫނެވެ. މި ޤާނޫނުގައި ވާގޮތުން ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަޤާމަށް އައްޔަންކުރެވޭ ފަރާތުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިންތިޚާބު ކުރެވުނު ފަރާތުން ބޭނުންކުރުމަށް އެކަށީގެންވާ އޮފީހާއި އެ އޮފީހަށް ބޭނުންވާ އެންމެހައި ތަކެތި ހަމަޖައްސައިދިނުމާއި ރައީސުލްޖުމްހޫރިއްޔާއަށް ހޮވިފައިވާ ފަރާތަށް ސަލާމަތާ ރައްކާތެރިކަން ޤައުމީ ދިފާއީބާރު މެދުވެރިކޮށް ހަމަޖެއްސުމުގެ ކަންކަން ވިލަރެސްކުރުން ހިމެނެއެވެ.

ޑައިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަޤާމަށް އަލްފާޟިލް އަޙުމަދު ލަޠީފު އައްޔަންކޮށް މަޤާމުގެ ލިއުން ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމު ވަނީ މިއީ ރާއްޖޭގެ ތާރީޚުގައި މި މަޤާމަށް ބޭފުޅަކު ފުރަތަމަ އައްޔަންކުރެވުނު ފަހަރުކަން ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނުގެ މަސައްކަތުގައި ކޮމިޝަނުގެ ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާނެކަމަށް ވިދާޅުވިއެވެ. ކޮމިޝަނުގެ ރައީސްގެ ވާހަކަފުޅުގައި ކޮމިޝަނުގެ މެންބަރުންނާއި މުވައްޒަފުންނާއި އަދި މުޅި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފަރާތުން، ރާއްޖޭގެ އަލަށް ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިޚާބުވެ ވަޑައިގެންނެވި އޮނަރަބުލް އިބްރާހިމް މުޙައްމަދު ޞޯލިޙާއި ނައިބުރައީސްކަމަށް އިންތިޚާބުވެ ވަޑައިގެންނެވި އޮނަރަބުލް ފައިސަލް ނަސީމަށް މަރުހަބާ ދެންނެވިއެވެ. އަދި އެ ދެބޭފުޅުންގެ ޒަޢާމަތުގައި ސިވިލް ސަރވިސްގެ މުވައްޒަފުންނާ ސިވިލްސަރވިސް ކޮމިޝަނުގެ މުވައްޒަފުންނަށް ފަހިކަމާއި އާރޯކަން ލިބިގެންދާނެކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅިވިއެވެ.

މި ރަސްމިއްޔާތުގައި އަލްފާޟިލް ޢަޙުމަދު ލަޠީފު ދެއްކެވި ވާހަކަފުޅުގައި ސަރުކާރު ބަދަލުވުމުގެ މި މަރުހަލާގެ އެކިކަންކަމުގައި ކޮމިޝަނުގެ އެހީތެރިކަން ބޭނުންވާނެކަން ފާހަގަކުރައްވައި އެފަރާތުން އެދޭބައެއް ކަންކަން ހުށަހެޅުއްވިއެވެ. މިއަދު ބޭއްވި މި ރަސްމިއްޔާތުގައި ކޮމިޝަނުގެ މެންބަރުންގެ އިތުރުން ކޮމިޝަނުގެ ސީނިއަރ ސްޓާފުން ބައިވެރިވިއެވެ.

ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް