ނަންބަރު:      19  /IU/2008 /188-CA

 

އިޢުލާން

 

ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓް

 

ތަޢާރަފް

 

1

މިކޯޑް އޮފް ކޮންޑަކްޓްގެ މައިގަނޑު މަޤްޞަދަކީ ދިވެހި ސިވިލް ސަރވިސްގައި ހިމެނޭ އެންމެހައި މުވައްޒަފުންނަކީ، ދިވެހި ރައްޔިތުންނަށާއި ޚިދްމަތް ލިބިގަންނަން އަންނަ ކޮންމެ ފަރާތަކަށް ހިތްހަމަޖެހޭ، ރަނގަޅު ފެންވަރެއްގެ ޚިދްމަތެއްދޭ ބަޔަކަށް ހެދުމަށްޓަކައި،  އެމީހުންގެ މަސައްކަތުގަޔާއި އުޅުމާއި ގުޅުމުގައި ހެޔޮ މަސައްކަތު އަޚްލާޤާއި ހަރުދަނާ ސުލޫކު ހިފަހައްޓާ ނަމޫނާ ބަޔަކަށް ހެދުމެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން، ދިވެހި ސިވިލް ސަރވިސް ގެ ޚިދްމަތަށް ހެޔޮބަދަލު އައުމާއި، އެ ޚިދްމަތަކީ މަޤްބޫލު، ފެންވަރު މަތި، ޚިދްމަތަކަށް ވެގެން ދިއުމެވެ.

 

 

ސިވިލް ސަރވިސްގެ އެއްވެސް މުވައްޒަފަކު މި ކޯޑް އޮފް ކޮންޑަކްޓާއި ޚިލާފުވެއްޖެނަމަ، ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދުގައިވާގޮތުގެ މަތިން އެ މުވައްޒަފަކާމެދު ފިޔަވަޅު އެޅޭނެއެވެ.

އަޒުމް

 

2

ދިވެހި ސިވިލް ސަރވިސް ގެ ކޮންމެ މުވައްޒަފަކުމެ މަސައްކަތް ކުރަންވާނީ އެ މީހަކު މަސައްކަތް ކުރާތަނެއްގެ މަޤްސަދާއި ލަނޑުދަނޑިތައް ހާސިލުކުރުމުގައި ބައިވެރިވާ ބައިވެރިއެއްގެ ގޮތުންނާއި، ތިމާގެ ޤާބިލުކަންމަތިކުރުމަށާއި މަސައްކަތުގައި ކުރިއެރުމަށާއި، ދިވެހި ސިވިލް ސަރވިސް އަކީ ފެންވަރު މަތި މަޤްބޫލު ޚިދްމަތަކަށް ހަދައި ޤައުމުގެ މުސްތަޤްބަލް އުޖާލާ ކުރުމުގެ ވަރުގަދަ ޢަޒުމުގައެވެ. 

 

ޤާނޫނު ހަދާފަރާތާއި ދައުލަތު ހިންގާ ފަރާތާ ދެމެދު އޮންނަގުޅުން

 

3

ދިވެހި ސިވިލް ސަރވިސްގެ ކޮންމެ މުވައްޒަފަކުމެ:

(ހ)

އެމުވައްޒަފަކު ދުވަހުން ދުވަހަށް އަދާކުރަންޖެހޭ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމުގައި ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއަށާއި ޤާނޫނުތަކާއި ޤަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތަންވާނެއެވެ.

 

(ށ)

އެމުވައްޒަފަކު ދުވަހުން ދުވަހަށް އަދާ ކުރަންޖެހޭ ވާޖިބުތައް އަދާކުރުމުގައި އަބަދުމެ ކުރިއަށްނެރެ އިސްކަންދޭންވާނީ ޤައުމީ މަސްއޫލިއްޔަތާއި ރައްޔިތުންގެ ލާބައާއި މަންފާއަށެވެ.

(ނ)

އެމުވައްޒަފެއްގެ ވާޖިބާއި މަސްޢޫލިއްޔަތު އަދާކުރުމުގައި އެވަގުތަކު ސަރުކާރު ހިންގުމާ ޙަވާލުވެތިބި ފަރާތްތަކުން އެކުލަވާލާ ސަރުކާރުގެ ސިޔާސަތުތައް ތެދުވެރިކަމާއި އިޚްލާސްތެރިކަމާއެކު ތަންފީޒު ކުރަންވާނެއެވެ.

(ރ)

 

 

އެމުވައްޒަފެއްގެ ވަޒީފާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކުގެ ދާއިރާ އާ ގުޅޭގޮތުން ހަދާފައިވާ ޤާނޫނުތަކާއި ޤަވައިދުތަކަށް ވީހާ ބޮޑަށް އަހުލުވެރިވެ ފަރިތަވުމަށް ގަދައަޅައި މަސައްކަތް ކުރަންވާނެއެވެ.

(ބ)

އެމުވައްޒަފަކު، ވަޒީފާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި، ޤާނޫނު އަސާސީ އާއި ޤާނޫނުތަކުން އުފައްދާފައިވާ އެންމެހައި މުވައްސަސާތަކަށް އެއްބާރުލުން ދޭންވާނެއެވެ.

                   

ޢާންމު ރައްޔިތުންނާމެދު އޮންނަ ގުޅުން

 

4

ދިވެހި ސިވިލް ސަރވިސްގެ ކޮންމެ މުވައްޒަފަކުމެ:

(ހ)

އެމުވައްޒަފެއްގެެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަމާއި އެކުވެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރަންވާނެއެވެ.

(ށ)

ވަކިފަރާތަކަށް ޖެހުމެއްނެތި، ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ހޯދޭނެ ގޮތަކަށް ރައްޔިތުންނަށް ޚިދްމަތް ދޭންވާނެއެވެ.

(ނ)

ރައްޔިތުންނާ މުއާމަލާތުކުރުމުގައި އަދަބުވެރިކަމާއި މަޑުމައިތިރިކަމާއި އިހުތިރާމާއެކު މުޢާމަލާތުކޮށް ފަސޭހައިން ބައްދަލުކުރެވޭނޭ އުޞޫލެއް ގެންގުޅެންވާނެއެވެ.

(ރ)

ރައްޔިތުންނާ މުޢާމަލާތުކުރާކުރުމުގައި އަބަދުމެ ދެކެންވާނީ ރައްޔިތުންނަކީ ޚިދްމަތް ލިބުމުގައި މަތީފެންވަރެއްގެ ޚިދްމަތެއް ލިބިގަތުމުގެ ޙައްޤު ލިބިގެންވާ ބަޔަކުކަމުގައެވެ.

(ބ)

އެމުވައްޒަފެއްގެ ވާޖިބާއި މަސްއޫލިއްޔަތުއަދާ ކުރުމުގައާއި ރައްޔިތުންނަށް އެކަމުން އަސަރުކުރާނޭ ނިންމުންތައް ނިންމުމުގައި ރައްޔިތުންގެ އެކިއެކި ޙާލަތުތަކަށާއި ރައްޔިތުން ކަންބޮޑުވާނޭ ކަންކަމަށް ވިސްނުންބަހައްޓައި އަދި ރިއާޔަތް ކުރަން ޖެހޭހާލަތުތަކުގައި  ރިއާޔަތްކުރަންވާނެއެވެ.

(ޅ)

އެމުވައްޒަފެއްގެ ވާޖިބާއި މަސްއޫލިއްޔަތުއަދާ ކުރުމުގައިދިވެހި ރައްޔިތުންގެ ކުރިއެރުމާއި ތަރައްޤީއަށް މަސައްކަތް ކުރުމުގެ އަޒުމުގައި މަސައްކަތްކުރާ މީހަކަށް ވާންވާނެއެވެ.

(ކ)

އެމުވައްޒަފެއްގެ ވާޖިބާއި މަސްއޫލިއްޔަތުއަދާ ކުރުމުގައި އެއްވެސް ރައްޔިތެއްގެ ކުލައަށާއި، ޖިންސަށާއި، ނަސްލަށާއި، ވާހަކަދައްކާ ބަހަށާއި އިޖްތިމާޢީ ދަރަޖަ ނުވަތަ މަޤާމަށާއި، ނުކުޅެދުންތެރިކަމަށާއި، ސިޔާސީ ގޮތުން ތާއީދުކުރާ ފަރާތަކަށް ބަލައި އެއްވެސް މޭރުމަކުން ތަފާތެއް ކޮށްގެން ނުވާނެއެވެ.

(އ)

އެއްވެސް ސިޔާސީ ޕާޓީއަކަށް ނުވަތަ ސިޔާސީ ޙަރަކާތެއްގައި ބައިވެރިވާ ޖަމްޢިއްޔާއެއް ނުވަތަ ޖަމާޢަތެއްގެ މަންފާއާއި ލާބައަށްޓަކައި، ނުވަތަ އެފަދަ ފަރާތެއްގެ މަސްލަޙަތު ކުރިއެރުވުމަށްޓަކައި، އެމުވައްޒަފެއްގެ މަޤާމުގެ ބޭނުން ހިފައިގެންނުވާނެއެވެ.

(ވ)

އެމުވައްޒަފެއްގެ ވާޖިބާއި މަސްއޫލިއްޔަތުއަދާ ކުރުމުގައި ކޮންމެ ރައްޔިތެއްގެ ޢިއްޒަތަށާއި ކަރާމާތަށާއި އެރައްޔިތަކަށް ޤާނޫނު އަސާސީއިން ލިބިދީފައިވާ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތަންވާނެއެވެ.

(މ)

ޚިދްމަތް ލިބިގަތުމަށް އަންނަ ފަރާތްތަކަށް އެ ޚިދްމަތް ހޯދުމަށް ފަސޭހަވާނޭ ކޮންމެ މަޢްލޫމާތެއް، ޤާނޫނުންނާއި ޤަވާއިދުން އެ މަޢްލޫމަތެއް ހިމާޔަތް ކޮށްފައި ނުވާހައި ހިނދަކު، އެ ފަރާތަކަށް ލިބިދޭން ވާނެއެވެ. އަދި ޙިދްމަތް ހޯދުން ފަސޭހަކޮށްދިނުމުގެ ގޮތުން އެ ފަދަ މަޢްލޫމާތު އަންގައި

 

 

 އޮޅުން ފިލުވައިދޭންވާނެއެވެ. މި ގޮތަށް މަޢްލޫމާތު ދިނުމުގައި އަނެކުންގެ ޙައްޤުތަކަށް ރައްކާތެރިވާންވާނެއެވެ.

 

މުވައްޒަފުންގެ މެދުގައި އޮންނަންވާނޭ ގުޅުން.

 

5

ދިވެހި ސިވލް ސަރވިސްގެ ކޮންމެ މުވައްޒަފަކުމެ:

(ހ)

ޢާއްމު މަޞްލަޙަތާއި ރައްޔިތުންގެ ފައިދާ ކުރިއެރުވުމަށްޓަކައި އެއް މުވައްޒަފަކު އަނެއް މުވައްޒަފަކަށް އެއްބާރުލުން ދޭންވާނެއެވެ.

(ށ)

އެމުވައްޒަފެއްގެ ވާޖިބާއި މަސްޢޫލިއްޔަތު އަދާކުރުމުގައި އެމުވައްޒަފަކަށް އެކިއެކި އެންގުން އަންގައި އިރުޝާދު ދިނުމަށް އައްޔަން ކުރެވިފައިތިބޭ ފަރާތްތަކުން އަންގާ ކަންކަމަކީ، ޤާނޫނު އަސާސީ އާއި ޤާނޫނުތަކާއި ގަވާޢިދާ ޚިލާފުކަމަކަށް ނުވާނަމަ، އެ ކަންކަމަށް އަމަލުކުރަން ޖެހޭނޭ ކަންކަމެވެ.

(ނ)

އެމުވައްޒަފަކު އަދާކުރާ ވަޒީފާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި ކުރާ ކަންކަމާއި، ހިންގާ ޙަރަކާތްތަކުގައި ތިމާގެ މީހުންނާއި ރައްޓެހިންނަށް ފަހިވާގޮތަށް އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ.

(ރ)

އެމުވައްޒަފެއްގެ ވާޖިބާއި މަސްއޫލިއްޔަތުއަދާ ކުރުމުގައި އެމުވައްޒަފެއްގެ މަޤާމުގެ ބޭނުންކޮށް އެހެން މުވައްޒަފުންގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައި ހަދައިގެން ނުވާނެއެވެ. އަދި އެމުވައްޒަފުގެ ބޭނުން ނާޖާއިޒު ގޮތުގައި އެހެން މުވައްޒަފަކަށް ހިފިޔަ ދީގެންވެސް ނުވާނެއެވެ.

(ބ)

އެމުވައްޒަފެއްގެ ވާޖިބާއި މަސްއޫލިއްޔަތުއަދާ ކުރުމުގައި، އަދި އެމުވައްޒަފެއްގެ މަސައްކަތުގެ ދާއިރާގައި ހިނގާ ކަންކަމާ ގުޅޭގޮތުން އެއްވެސް ހިތްހަމަނުޖެހުމެއް ކުރިމަތި ވެއްޖެނަމަ، އެކަމެއް ޙައްލުކުރަންވާނީ އެކަންކުރުމަށް ގަވާއިދު ހަމަޖެހިފައިވާ ގޮތަށެވެ. އަދި އެ ހިތްހަމަނުޖެހުމެއް ފާޅު ކުރަންވާނީވެސް އެކަމަކަށް ކަނޑައެޅިފައިވާ އުޞޫލުންނެވެ.

(ޅ)

އެމުވައްޒަފެއްގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންގެ ކުރިއެރުމަށާއި، މަސައްކަތުގެ ރޫޙު ހިފެހެއްޓުމަށާއި، މުވައްޒަފުންގެ މެދުގައި ހަރުދަނާ އަދި އެކުވެރި މާހައުލެއް ޤާއިމުކުރުމުގެ އަޒުމު ކަނޑައަޅައި މަސައްކަތް ކުރަންވާނެއެވެ.

(ކ)

އެހެން މުވައްޒަފުންނާއެކު މުޢާމަލާތް ކުރަންވާނީ އެމުވައްޒަފެއްގެ ކުލައަށް، ޖިންސަށް، ނަސްލަށް، އިޖްތިމާޢީ ދަރަޖައަށް ނުވަތަ މަޤާމަށް، ވާހަކަދައްކާ ބަހަށް، ނުކުޅެދުންތެރިކަމަކަށް، ނުވަތަ ސިޔާސީ ގޮތުން ޤަބޫލުކުރާ ޤަބޫލުކުރުމަކަށް، ނިސްބަތް ކުރުމަކަށް އެއްވެސް ތަފާތުކުރުމެއްނެތި، ހަމަހަމަ ކަމާއި، އިންސާފުވެރިކަމާއި އެކު ފަންނީ ގޮތުގައެވެ.

(އ)

ވަޒީފާ އަދާ ކުރަންވާނީ ސިޔާސީ ހަރަކާތުން އެއްކިބާވެ ހުރެއެވެ. އެ މުވައްޒަފަކު ވަޒީފާ އަދާކުރާ ތަނުގައި އެއްވެސް ސިޔާސީ ޙަރަކާތެއް ހިންގައިގެން ނުވާނެއެވެ.

 

 

 

 

ވާޖިބާއި މަސްޢޫލިއްޔަތު އަދާކުރުމާގުޅޭ

 

6

ދިވެހި ސިވިލް ސަރވިސްގެ ކޮންމެ މުވައްޒަފަކުމެ:

(ހ)

އެމުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ މަޤްޞަދުތަކާއި އަމާޒުތައް ޙާސިލުކުރުމުގައި، ޚަރަދުކުޑަކޮށް،

 

 

 

ފެންވަރު ރަނގަޅުކޮށް، ރައްޔިތުންނަށް ފަައިދާވާނޭ އުޞޫލުތަކުން، އެމުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ މަޤްޞަދުތަކާއި އަމާޒުތަކާއި ލަނޑުދަނޑިތައް ޙާޞިލްކުރުމަށް ގަދައަޅައި މަސައްކަތް ކުރަންވާނެއެވެ.

(ށ)

އެމުވައްޒަފެއްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާ ކުރުމުގައި އުފެއްދުންތެރި ވިސްނުމާއި ފިކުރު ގެންގުޅެ، މަސައްކަތުގެ ދާއިރާގައި ދިމާވާ ކަންކަން ޙައްލު ކުރުމުގައި އައުގޮތްތައް ހޯދައި ނަތީޖާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ކުރަންވާނެއެވެ.

(ނ)

އެމުވައްޒަފަކާ ހަވާލުކުރެވޭ ކަންކަން އެކަމެއް ނިންމަންޖެހޭ ވަގުތަށް ނިންމަންވާނެއެވެ.

(ރ)

އެމުވައްޒަފަކާ ހަވާލުކުރެވޭ ކަންކަން ކުރާންވާނީ ޕްރޮފެޝަނަލް ކަމާއެކު ކަމަށް ކަމޭ ހިތައިގެންނެވެ.

(ބ)

އެމުވައްޒަފެއްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާާ ކުރުމުގައި ތިމާގެ ނުވަތަ އެހެންފަރާތެއްގެ މަޞްލަހަތަށް ބުރަވެގެން ފުށުއަރާ އެއްވެސް ކަމެއް ކޮށްގެންނުވާނެއެވެ.

(ޅ)

ނާޖާއިޒު ފައިދާއެއް ތިމާއަށް ލިބިދާނޭ ވަޒީފާގެ ރަސްމީ އެއްވެސް މަސައްކަތެއް ކުރުމުންނާއި، ނިންމުންތައް ނިންމުމުގެ މަރުހަލާތަކުން ތިމާ އަމިއްލައަށް ތަނާޒިލްވެ، އެފަދަ އަމިއްލަ ފައިދާއެއް ހިމެނޭކަމެއް ނުވަތަ ތިމާގެ މަސްލަޙަތާ ފުށުއަރާ އެއްވެސް ޙާލަތެއް މެދުވެރިވެއްޖެނަމަ އެކަމެއް ވަންހަނާނުކޮށް އެކަމެއް ކަމާބެހޭ ފަރާތްތަކަށް ފާޅުކޮށް އަންގަންވާނެއެވެ.

(ކ)

ވަޒީފާ އަދާކުރުމާ ގުޅޭގޮތުން ތިމާގެ ފެންވަރު ރަނގަޅުކޮށް ކުރިއެރުވުމަށާއި ވަޒީފާ ފުރިހަމަގޮތުގައި އަދާކުރުމަށް ބޭނުންވާނޭ އިތުރު މަޢްލޫމާތާއި ހުނަރުތައް އުނގެނުމަށްޓަކައި މަސައްކަތްކޮށް އެކަމަށް ފުރުޞަތު ހޯދަންވާނެއެވެ.

(އ)

ދައުލަތުގެ ފައިސާއާއި ގުޅޭކަންކަމުގައާއި ސަރުކާރުގެ މުދަލާބެހޭގޮތުން އެކިއެކި މުޢާމަލާތު ކުރުމުގައާއި، ދައުލަތުގެ މުދަލާއި ހަވާލުވެ ގެންގުޅުމުގައާއި ދައުލަތުގެ އެހެނިހެން ވަޞީލަތްތައް ބޭނުން ކުރުމުގައި އަމާނާތްތެރިވެ ޖަވާބުދާރީ ވާންވާނެއެވެ.

(ވ)

ދައުލަތުގެ ފައިސާއާއި މުދަލާއި އެހެނިހެން ވަޞީލަތްތައް ބޭނުން ކުރަންވާނީ ހަމައެކަނި އެކަމަށް ކަނޑައެޅިފައިވާ އަދި އެކަމަށް ހުއްދަކުރެވިފައިވާ މަސައްކަތަށެވެ.

(މ)

އެމުވައްޒަފެއްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާ ކުރުމުގައި ހަރުދަނާ، ނަތީޖާ ހާޞިލުކުރެވޭ، ހާމަ އަދި ޖަވާބުދާރީވުމުގެ އުޞޫލުތަކުގެ މައްޗަށް ބިނާވެފައިވާ އުޞޫލަކުން ކަންހިންގުމަށް ބާރު އަޅަންވާނެއެވެ.

(ފ)

އެމުވައްޒަފެއްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި ފެންނަ ކޮރަޕްޝަންގެ ޢަމަލުތަކާއި، މަކަރާއި ހީލަތް ހެދުމުގެ ޢަމަލުތަކާއި، ޚިޔާނާތުގެ ޢަމަލުތަކާއި، ތިމާގެ މީހުންނާ ރައްޓެހިންނަށް އިސްކަންދިނުމުގެ ޢަމަލުތަކާއި، އިދާރީ ހިންގުމަށް ބުރޫއަރާނެ ޢަމަލުތަކާއި މިނޫންވެސް ޤާނޫނާ ޚިލާފު ޢަމަލުތައް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓު ކުރަންވާނެއެވެ.

(ދ)

އޮފީހުގެ އިސްވެރިން، ނުވަތަ އެހެން އިދާރާއަކުން ތިމާކުރެން ލަފައަކަށް ނުވަތަ މަޝްވަރާއަކަށް އެދިއްޖެނަމަ ވަކި ފަރާތަކަށް ނުޙައްޤުން ބުރަނުވެ ތެދުވެރިކަމާއެކު ލަފައާއި މަޝްވަރާދީ، ތެދުވެރިކަމާއެކު އެއްވެސް ގޮތަކުން ވަންހަނާ ނުކޮށް ލިބިިހުރި އެންމެހައި މަޢުލޫމާތުދީ، ވީ އެންމެ ރަނގަޅަކަށް އެހީތެރިކަން ފޯރުކޮށްދޭންވާނެއެވެ.

(ތ)

ދައުލަތުގެ ސިއްރު ކަމުގައި ހިމެނޭ ނުވަތަ ދައުލަތުގެ ސިއްރުކަމުގައި ބެލެވިދާނޭ އެންމެހައި ކަންކަމާއި، ލިޔެކިޔުމާއި، ބައްދަލުވުންތަކުގައި ދެކެވޭ ވާހަކަތަކުގެ ސިއްރު ހިފަހައްޓަންވާނެއެވެ.

(ލ)

އޮފީހުގެ މަސައްކަތާބެހޭ މަޢުލޫމާތު އެކަމަށް އޮފީހުން ކަނޑައަޅާފައިވާ އުޞޫލުން މެނުވީ ހާމަކޮށް ހަދައިގެންނުވާނެއެވެ.

(ގ)

އެމުވައްޒަފެއްގެ މަސައްކަތުގެ ދާއިރާގައި ޕްރޮފެޝަނަލް މިންގަނޑުތަކެއް އެކަށައެޅިފައިވާނަމަ އެމިންގަނޑުތަކާ އެއްގޮތަށް ޢަމަލުކުރަންވާނެއެވެ.

 

 

 

 

އަމިއްލަ ކަންތަައްތަކާއި އުޅުން ބަހައްޓަންވީގޮތް

 

 

7

ދިވެހި ސިވލް ސަރވިސްގެ ކޮންމެ މުވައްޒަފަކުމެ:

(ހ)

ވަޒީފާގެ ރަސްމީ މަސައްކަތުގައި އެޅޭއިރު އޭނާގެ ހެދުން ހުންނަންވާނީ، އަދި އުޅުމާއި ގުޅުން ހުންނަންވާނީ ދިވެހި ސިވިލް ސާރވިސްގެ އަބުރާއި ޢިއްޒަތް، ޝަރަފާއި ގަދަރު ހިފެހެއްޓޭނޭ ގޮތަކަށެވެ.

(ށ)

އަމިއްލަ ފައިދާ ހޯދުމަށާއި، އެކި ފަރާތްފަރާތުން ހަދިޔާ ބަދިޔާ ހޯދުމަށް މަޤާމުގެ ބޭނުން ހިފައިގެން ނުވާނެއެވެ. އަދި ތިމާގެ ވަޒީފާގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމާގުޅިގެން އެއްވެސް މީހެއްގެ އަތުން ހަދިޔާއެއް ނުވަތަ އެނޫންވެސް މަންފާއެއް ހޯދައި ނުވަތަ ލިބިގަނެގެނެެއް ނުވާނެއެވެ.

(ނ)

އަމިއްލަ ލާބަ އާއި މަންފާއެއް ހޯދުމަށްޓަކައި، ނުވަތަ ނާޖާއިޒު ގޮތެއްގައި އެހެންމީހަކަށް ފައިދާއެއް ހޯދައިދިނުމަށްޓަކައި ރަސްމީ އެއްވެސް މަޢުލޫމާތެއް ހާމަކޮށް ހަދައިގެންނުވާނެއެވެ.

(ރ)

އޮފީހުގެ ވަޞީލަތްތައް އެމީހެއްގެ އަމިއްލަ ކަންކަމަށާއި އަމިއްލަ މަސައްކަތް ކުރުމަށް ބޭނުން ކޮށްގެން ނުވާނެއެވެ.

 

ސަރުކާރަށާއި ރައްޔިތުންނަށް ޒިންމާދާރުވުން

 

 

8

ދިވެހި ސިވލް ސަރވިސްގެ ކޮންމެ މުވައްޒަފަކުމެ:

(ހ)

ދިވެހި ސިވިލް ސަރވިސްގައި އޭނާ އަދާކުރާ ވަޒީފާއާ ގުޅޭގޮތުން ސަރުކާރަށާއި ރައްޔިތުންނަށް ޒިންމާދާރުވާނެއެވެ.

(ށ)

މިގޮތުން މަސައްކަތަކާ ޙަވާލުވާންވާނީ އޭނާ ޙަވާލުވާ މަސައްކަތަކީ ކޮބައިކަން ރަނގަަށް އެނގިހުރެ އެ މަސައްކަތަށް ބޭނުންވާ ހުނަރު އޭނާގެ ކިބައިގާ ހުރެގެންނެވެ. އަދި

(ނ)

މިގޮތުން އޭނާ ޙަވާލުވާ މަސައްކަތް ކަނޑައަޅާ ފެންވަރަށް އަދި ކަނޑައަޅާ މުއްދަތަށް ނިންމާންވާނެއެވެ.

 

ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުން ޢަމަލްކުރުމަށް ހަމަޖެހިފައިވާ "ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓް" ޤަވާޢިދު އާންމުކުރުމުގެ ގޮތުން އިޢުލާން ކުރީމެވެ.  މި ކޯޑް އޮފް ކޮންޑަކްޓާ އެކު ޕްރޮފެޝަނަލް ދާއިރާތަކާއި އިންސްޓިޓިއުޓް ތަކުން އެތަންތާގެ މުވައްޒަފުން ޢަމަލު ކުރުމަށް އެކުލަވާލާފައިވާ ކޯޑް އޮފް އެތިކްސް/ ސްލޫކީ މިންގަނޑު ނުވަތަ ކޯޑް އޮފް ކޮންޑަކްޓަށް ޢަމަލްކުރައްވަން ވާނެއެވެ.

28 ޞަފަރު 1429

06 މާރޗް 2008

 

All rights reserved by Civil Service Commision of Maldives, 2008